އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ލ. ފޮނަދޫ ދާއިރާ އަށް ވާދަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.
އަދުރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތައީދު ދެއްވުމަށް އަދުރޭ އެދިވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް އަދުރޭ އައްޔަން ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދުރޭ ވަނީ މީގެކުރިން ވެސް ފޮނަދޫ ދާއިރާގެ ގޮނޑި މަޖިލީހުގައި ތަމްސީލުކުރައްވާފަ އެވެ. އަދި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް އަދުރޭ އެ ގޮނޑި އަށް ވާދަކުރެއްވި ނަމަވެސް އެފަހަރު ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.
ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވާނެ އެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ގަ އެވެ.


