Tuesday, 28 July 2026

"މަސްވެރިންގެ ގުންޒަރު 2023″ގައި ރައީސް ބައިވެރިވެވަޑައިގެންފި

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023″ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

އިއްޔެ ހެނދުނުން ފެށިގެން ކުރިއަށްދިޔަ މި ގުންޒަރުގެ ރޭގެ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝުޢޫރުތައް އަޑުއައްސަވައި، މަސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

މަސްވެރީންގެ ގުންޒަރުގައި ރޭ ވާހަކަދެއްކެވި މަސްވެރީން ވަނީ، މަސްވެރީންނަށް ކުރިމަތިވެފައިވާ ދަތިތަކާ ކަންބޮޑުވުންތައް ރައީސްއަށް ދަންނަވައިފައެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ކުރާ އުންމީދުތަކާ، ދިވެހި މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީއާ ދިރިއުޅުމުގެ ޙާލަތާމެދުވެސް ވާހަކަދައްކަވައިފައެވެ.

މަސްވެރިންގެ ޝުޢޫރުތަކާ، ސުވާލުތަކާއި ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަޙައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާ، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ރައީސް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަޞީލަތްތައް ގިނަ ކުރެއްވުމާ، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މަސްވެރީންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވި ގިނަ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. އަދި އެއިން ކޮންމެ ވަޢުދަކީ ފުއްދަވާނެގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވަޢުދުތައްކަން ފާހަގަކުރައްވައި، އެކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާޢަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާޢަތުގެ ތަރައްޤީ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްޤީކުރުމަށް ހޭދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ 3 ހަފުތާގެ ތެރޭގައި ދެއްވަން ފަށްޓަވައިފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ. އަދި މި ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ގުންޒަރުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް މަސްވެރީން ބައިވެރިވެއެވެ.

މަސްވެރީންގެ ގުންޒަރުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވަނީ، ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ބާއްވަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާއަށް މުހިންމު ގިނަ ކަންތައްތަކެއްރައީސް އިޢުލާން ކުރައްވާނޭކަން ހާމަކުރައްވައިފައެވެ.

އަދި މަސްވެރިކަމުގެ ސިނާޢަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ސިނާޢަތެއްކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ހުށަހެޅުއްވި ފުރަތަމަ ކަރުދާހަކީ، އަދި ވަޒީރުންގެ މަޖިލީހުން ފުރަތަމަ ނިންމެވި ނިންމެވުމަކީވެސް މަސްވެރިކަމާ ގުޅުންހުރި ނިންމެވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *