Tuesday, 28 July 2026

މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ފޮނުވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މީހުން ހައްޖަށް ފޮނުވުމަށް ކަނޑައަޅާ އުސޫލާއި ކޯޓާގެ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ވަރަށް ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއިި ސަރުކާރުގެ އެފަދަ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން އަމިއްލައަށް އެފޯޑް ނުކުރެވޭވަރުގެ މީހުން ސަރުކާރުގެ އެހީގައި ބަހާލައިގެން ފަސް އަހަރުތެރޭ 1000 މީހުން ހައްޖަށް ފޮނުވަން އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ހައްޖު ކޯޕަރޭޝަން މިހާރު ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ފޯރުންތެރިކަން ދަށް މީހުންނަށް ހައްޖުގެ އަޅުކަމަށް ހޭދަކުރަން ޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ރާއްޖެ އަށް ދެނީ 1،000 ކޯޓާއެވެ. އެ އަދަދު އިތުރު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސައުދީއާ އެކު ވާހަކަ ދައްކައި މަޝްވަރާ ވެސް ކުރިއެވެ. އެކަމަކު، ސައުދީން އެކަން ހަމަޖައްސާދީފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *