ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުގެ ރައީސަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސަކަށް އައްޔަން ކުރެއްވީ ހެންވޭރު ރަންގަލި 4، ހަމްދީ އަގީލް އެވެ.
ހަމްދީ އަގީލަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއިން މާސްޓާ އޮފް ކޮމާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ހިމެނެއެވެ.
ޕީސީބީގެ ބޯޑުގައި ހުސްވެފައިވާ ތިން ގޮނޑި އަށް ރައީސް މިއަދު ވަނީ މެމްބަރުން އައްޔަން ކުރައްވައިފަ އެވެ. އެއީ:
– އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652
– ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން
– ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ
ޕީސީބީ ބޯޑުގައި ތިބެނީ ޖުމުލަ ހަތް މެންބަރުންނެވެ. ނަމަވެސް ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދާއި ބޯޑު މެންބަރު އަލީ ޝަފީއު އާއި ބޯޑު މެންބަރު ރުޝާހާ އަހުމަދު ވަނީ ބޯޑުން ވަކިވެފައެވެ.
ސަރުކާރުގެ ކުންފުނިތަކަށް މިހާތަނަށް މީހުން އައްޔަނު ނުކުރެވި އޮތީ ބޯޑަށް މެންބަރުން ހަމަނުވެގެންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މަގާމަށް މީހުން އައްޔަނު ކުރެވެނީ ރައީސް ބޭނުންފުޅުވާ ނަންތައް ބޯޑަށް ފޮނުއްވައި، ބޯޑުން ހުއްދަ ލިބުމުންނެވެ.


