ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ގާނޫނުތަކުގައި ބަޔާންކުރާ މައުލޫމާތުތައް ފުރިހަމަކޮށްފައި ފޮނުވަން މަޖިލިހުގެ އިދާރާ އިން ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.
މަޖިލީހުގެ އިދާރާ އިން މިގޮތަށް އަންގާފައި މިވަނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމުގެ ކުރިން ކަމާ ގުޅޭ ގާނޫނުތަކުގެ ދަށުން ސަރުކާރުން މަޖިލީހަށް ހުށަހަޅަންޖެހޭ ލިޔުންތަކެއް މަދުވާތީ އެވެ. ލިޔުންތައް ފޮނުވަން އިއްޔެ އެދުމުން ސަރުކާރުން ފޮނުވި ލިޔުންތަކުގައި އަދިވެސް ބައެއް ލިޔުން މަދުކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
މިނިސްޓްރީން ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ސަޕްލިމަންޓްރީ ބަޖެޓު ފޮނުވި އިރު، ކަމާގުޅޭ ގާނޫނުތަކުގައި ބަޔާންކުރާ ބައެއް ތަފްސީލުތައް ނުފޮނުވާ ކަމަށެވެ.
މި ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
އޭގެފަހުން މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވި ނަމަވެސް އެ ޖަލްސާއަށް ބަޖެޓް ހުށަހެޅުން އެޖެންޑާއެއް ނުކުރެ އެވެ. އެކަމަކު މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އިއްޔެގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން އެޖެންޑާ ކުރި އެވެ. ނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ އިއްޔެގެ ޖަލްސާ ނިންމަވާލެއްވި ކަމަށް އިއުލާން ކުރައްވާފަ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅި އިރު، އޭގައި ގާނޫނުތަކުގައި ބަޔާންކުރާ މައުލޫމާތުތައް ނުހިމެނޭ ކަން މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެނައީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އިންނެވެ.


