ހޮސްޕިޓަލްތަކުން ތެޔޮ ހުސްވުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެ ތަންތަނުގެ މަސައްކަތްތައް ހުއްޓި، އާންމުނަށް ފަރުވާދިނުން ހުއްޓައިލަން ޖެހިދާނެ ކަމަށް ދުނިޔޭގެ ފަގީރުކަން ނައްތާލައި އިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެކްޝަން އެއިޑް ފަލަސްތީނާ ހަވާލާދީ ވަފާ ނޫހުން ރިޕޯޓު ކޮށްފިއެވެ.
ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލުގެ ތެރެއިން 12 ހޮސްޕިޓަލް ހިމެނޭ ގޮތަށް 72 ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ޖުމްލަ 46 ފެސިލިޓީގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ބުނެފައެވެ.
އަދި ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވީ އިސްރާއީލުގެ ބްލޮކޭޑަކުން ޖަނަރޭޓަރުތަކަށް ކަރަންޓާއި ތެޔޮ ނުލިބުމުގެ އިތުރުން ވައިގެ ހަމަލާތަކުން ލިބޭ ގެއްލުންތަކުގެ ސަބަބުން ގިނަ ފެސިލިޓީތައް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުން އާންމުކޮށް ކިޑްނީ ފެއިލްވެފައިވާ 1،100 ބަލި މީހުންނަށް ހިދުމަތް ދޭއިރު، އޭގެ ތެރޭގައި 38 ކުޑަކުދިން ހިމެނެއެވެ. ކޮންމެ މަހަކު 13،000 ޑައިލިސިސް ސެޝަން ހަދައެވެ. ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ، އަލް ޝިފާ ހޮސްޕިޓަލް ގައި 5،000 އަށް ވުރެ ގިނަ ބަލިމީހުންނަށް ފަރުވާ ދެމުންދާއިރު، އެއީ ހޮސްޕިޓަލްގެ ކެޕޭސިޓީއަށް ވުރެ 700 ބަލިމީހުންގެ އިތުރު އަދަދެކެވެ. މީގެ އިތުރުން އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ 45،000 މީހުން ވެސް ޝިފާ ހޮސްޕިޓަލްގައި އެބަ ތިއްބެވެ.
ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ


