Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް

އެމްއެންޑީއެފްގެ މަރުކަޒަކަށް ވަންނަ މަސައްކަތްކުރި މައްސަލައިގައި ފިޔަވަޅު އަޅަނީ

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްގީކުރާ ސަރަހައްދަށް ހުއްދަނެތި ނޫސްވެރިންގެ ބަޔަކު އަރަން އިއްޔެ މަސައްކަތްކުރި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑިީއެފުން ރޭ "ދިޔަރެސް" ނޫހުގެ ނޫސްވެރިން އުތުރުތިލަފަޅަށް އަރަން މަސައްކަތް ކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ތެރެއިން މާލޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހިން ގޯއްޗާއި ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިފައިންގެ މަރުކަޒުތަކަކީ ހުއްދަ ނުހޯދައި ވަނުން މަނާ ތަންތަން ކަމަށާއި ނޫސްވެރިން ލޯންޗެއްގައި ގޮސް އެމްއެންޑީއެފްގެ ބަނދަރަށް ވަންނަން މަސައްކަތްކޮށް ވީޑިއޯކުރީ ހުއްދަ ނުހޯދައި ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ ހަތަރު މީހުން ލޯންޗެއްގައި ގޮސް ބަނދަރުން ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް ކަމަށެވެ. އަދި އެކަން ކުރީ އެމްއެންޑީއެފަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން ކަމަށް ބުންޏެވެ.

"ވީމާ، އެމްއެންޑީއެފުގެ ހުއްދަނެތި އެމްއެންޑީއެފުގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމަ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، މި ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅުއްވައިދެއްވުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ..،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ އެ ބަނދަރު ބަލަން ހުއްދަށް އެދިގެން އައި މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދީފައި ވާނެ ކަމަށާއި ހުއްދަ ނުހޯދައި އެތަނަށް އަރަން މަސައްކަތް ކުރުމަކީ ގާނޫނާއި ގަވާއިދާ ހިލާފުކަމެއްކަން ފާހަގަކޮށްފަ އެވެ.

އެހެން ގައުމުތަކުގައި ވެސް މިފަދަ އަސްކަރީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުންކުރާ ކަމަށާއި އެހެންވެ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

ސިފައިންގެ ވާޖިބަށާއި މަސްއޫލިއްޔަތުތަކަށް ހުރަސް ނޭޅުމަށާއި ސިފައިންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *