ހިޔާ ފްލެޓްގެ ބެލްކަންޏަކަށް ކުޑަކުއްޖަކު ނެރެ ތަޅުލާފައި ހުރި ވީޑިޔޯއެއް މީސް މީޑިޔާގައި ދައުރުވާން ފަށައިފި އެވެ.
ރޭ ފޭސްބުކްގައި އާންމުވި މި ވީޑިޔޯގައި ފެންނަ ގޮތުން ބެލްކަނީގައި ހުރީ އުމުރުން ތިން ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާހުރީ ގަޔަށް އެއްޗެއް ވެސް ނުލައްވާ ރޭގަނޑުގެ ވަގުތެއްގައި ހިޔާ ފްލެޓެއްގެ ބެލްކަންޏަށް ނެރެ ތަޅުލައިފައެވެ. އަދި މި ކުއްޖާ ދިޔައީ ރޮމުން މަންމައަށް ގޮވަމުން ބެލްކަނީގެ ބިއްލޫރިގަނޑުގައި އަތުން ތަޅާ، ބެލްކަނީގެ ތަޅުލާފައިވާ ދޮރު ހުޅުވޭތޯ މަސައްކަތް ކުރަމުންނެވެ.
މި ވީޑިއޯ ވައިރަލްވުމާއެކު މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސިއެމް)އިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ، ކުޑަ ކުއްޖަކު ބެލްކަނީގައި ތަޅުލި މައްސަލައެއް ކަމާ ބެހޭ އިދާރާތަކުން ބަލަމުން ދާކަމަށެވެ.
މި ވީޑިޔޯ ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު ވަނީ މިއީ އިންސާނިއްޔަތުކަން ކުޑަ އަމަލެއްކަމަށް ބުނެ އެކަން ކުރި މީހަކު ވަގުތުން ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. އަދި މި ވީޑިއޯ ފޭސްބުކްގައި ހިއްސާ ކުރި މީހާ ލިޔެފައި ވަނީ މި ކުޑަ ކުއްޖާއަށް އިހުމާލުވީ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާ ކަމަށެވެ.
އެޗްއާރްސީއެމުން ވަނީ ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުކުރުމަކީ އެކުދިންގެ ކަރާމާތައް ސީދާގޮތުން އަސަރުކޮށްފާނޭ ކަމަކަށް ވާތީ، އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އެޗްއާރުސީއެމުން ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން އަދި ޖެންޑާގެ ބަހެއް ލިބިފައެއް ނުވެއެވެ.


