ކޮވިޑް-19އަށް ވުރެވެސް ނުރައްކާތެރި ނިޕާ ވައިރަސް އިންޑިޔާ ކެރެލާ ސްޓޭޓްގައި ފެތުރެން ފަށައިފިއެެވެ.
އޫރާއި ވާލުގެ ޒަރިއްޔާއިން ފެތުރޭ މި ބަލި ޖެހިގެން ކެރެލާއިން މިހާތަނަށް ވަނީ ދެ މީހަކު މަރުވެފަ އެވެ. އަދި އިތުރު ދެމީހަކާއި ކުޑަކުއްޖަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ކެރެލާ ސްޓޭޓްގެ ހެލްތް އޮފިޝަލުން ބުނާގޮތުގައި މިހާތަނަށް 700އަށްވުރެ ގިނަ މީހުން މި ވައިރަހަށް ޓެސްޓްކޮށްފައިވެއެވެ. އޭގެތެރޭގައި ސިއްހީ ހިދުމަތްތެރިންވެސް ހިމެނެއެވެ. މިހާރު ކުރިއަށްދަނީ މި މީހުން ކަރަންޓީނުގެ ކުރުމުގެ މަސައްކަތެވެ.
ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރާޔީ ވިޖަޔަން ވިދާޅުވިގޮތުގައި މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ކެރެލާގެ ކޮލިކޯޑް ޑިސްޓްރިކްޓުންނެވެ. އަދި އެންމެންވެސް ތަންތަނަށް އެެއްްވެ އުޅުން މަދުކުރުމަށް ޗީފް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ނިޕާ ވައިރަސް އަކީ ޖަނަވާރުންގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. މި ބަލި އިންސާނުންގެ މެދުގައި ފެތުރެނީ އެކަކު އަނެކަކާއި ބައްދަލުވެ އުޅުމުގެތެރެއިންނާއި ކާބޯތަކެތީގެ ޒަރިއްޔާއިންނެވެ.
ނިޕާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
ހުން އައުން
ބޮލުގައި ރިއްސުން
ނޭވާލާ ނިޒާމުގެ އިންފެކްޝަން
ގައިގަ ރިއްސުން އަދި ހޮޑުލެވުމެވެ.


