Tuesday, 28 July 2026
ޤާސިމް އިބްރާހީމް -- ފޮޓޯ ޓްވިޓާ

ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު ދެން އިތުރަށް ކެތެއް ނުވާނެ – ގާސިމް

ރާއްޖޭގެ ސިޔާސީ ޕާޓީތައް ހަމަ ރަނގަޅަށް ވެސް ފެއިލްވެއްޖެ ކަމަށާއި އެހެންކަމުން އެމީހުންނާއެކު އިތުރަށް ކެތެއް ނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ފުވައްމުލަކަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދައިދެވިއްޖެ ކަމަށާއި ނަމަވެސް ދެ ރައީސުން ކަންތައް ކުރީ ގާނޫނު އަސާސީއާ މުޅިން ޚިލާފަށް ކަމަށެވެ. އަދި ޕީޕީއެމުން ވެސް ކަންކަން ކުރީ ހަމަ އެފަދަ ގޮތަކަށެވެ.

އަދި ސިޔާސީ ޕާޓީތަކަށް ވެރިކަން ހޯދައިދޭން އުޅުއުޅެ ވަރުބަލި ވެއްޖެ ކަމަށާއި އެހެންވެ، މީގެ ފަހުން ވަކި މީހަކަށް ތާއީދު ކުރެވޭކަށް ނެތް ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ގާސިމް ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރުކުރުމާއި ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވިކަން ހަނދާން ކޮށްދެމުން، ރައީސް ޞާލިޙުގެ ވެރިކަމުގައި ވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ ތަޅު އަޅުވާފައިކަމަށް ވިދާޅުވެފަ އެވެ.

"އެހެންވީމަ މާފު ކުރައްވާ. އަޅުގަނޑަކަށް ނެތް އެބޭފުޅުންނަށް ތާއީދު ކުރެވޭކަށް. އެ ޕާޓީތައް ހަމަ ރީތިކޮށް ފެއިލް ވެއްޖެ އިނގޭތޯ. އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދައިދެވިއްޖެ. އެ ދެފަހަރުވެސް ގާނޫނު އަސާސީ ވަޔަލޭޓް ކުރީ. ދެ ރައީސުން ވެސް ގާނޫނު އަސާސީއާ ޚިލާފަށް ކަންތައް ކުރީ. އަދި ޕީޕީއެމުން ވެސް ހަމަ އެކަން ކުރީ،" ގާސިމް ވިދާޅުވިއެވެ.

އަދި ވެރިކަން ލިބިއްޖެ ނަމަ، ދައުރު ނިމުމުގެ ކުރިން ފުވައްމުލަކު ރައްޔިތުން ބޭނުންވާނޭ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *