ދައުލަތުގެ ރައީސްކަން ނޫން އެހެން ހުރިހާ މަގާމެއް ފުރުއްވިނަމަވެސް، މިހާތަނަަށް އެންމެ ފަޅި ލާރިއެއްގެ މައްސަލައިގައިވެސް ސުވާލުކޮށްފައި ނުވާނޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރައްވަމުންދާ ދައުރުފުޅުގެ ތެރެއިން މަހިބަދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ރައީސްކަމަށް ކުރިމަތިލާފައިވާ ކޮންމެ ބޭފުޅަކުވެސް އިސްވެދިޔަތަން ބެލުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އެހެން މައުލޫމާތު ހޯދާފައި ވޯޓު ލާނަމަ ވޯޓުލާނީ ކިހިނެއްތޯ ގާސިމް ސުވާލުކުރެއްވެވިއެވެ.
ހަމައެހެންމެ ގާސިމް ވިދާޅުވީ ދައުލަތުގެ ރައީސްކަން ނޫން އެހެން ހުރިހާ މަގާމެއް އެމަނިކުފާނު އަދާކުރައްވާފައިވާ ކަމަށެވެ. ސެންޓްރަލް ބޭންކް ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ދެ މަގާމު އަދާކުރެއްވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެންމެ ފަޅި ލާރިއެއްގެ މައްސަލައިގައި އޭނާއާ ސުވާލުކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޕާޓީ ރޫހުގައި ޕާޓީން ބޭނުންވާ މީހާ ނަގަން ވެގެން ވޯޓު ލުމުން މިއަދު އެކަމުގެ ހިތި ނަތީޖާ ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުން ދީފައިވަނީ ހިތިކަން ކަމަށް ވިދާޅުވިއެވެ.
އުފަން އަތޮޅުކަމަށްވާ އދ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ގާސިމް އިއްޔެވަނީ ދަގެއްޗަށްވެސް ވަޑައިގަންނަވާފަ އެވެ. އަދި އެރަށު ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ގާސިމްވަނީ ސަރުކާރުން ކުރަމުން ގެންދާ ވިޔާނުދާ ކަންތައްތަކުގެ ވާހަކަތައް ދައްކަން ފެށުމުން ޖުމްހޫރީ ޕާޓީ އެކޯލިޝަނުން ވަކިކޮށްލަން އެމްޑީޕީން ބޭނުންވި ކަމަށް ތުހުމަތުކޮށްފައެވެ.


