މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ސަރުކާރުގެ ހާއްސަ ސްކީމެއްގެ ދަށުން ގެ އަޅައިދިނުމަށް ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް ޖަލްސާއެއްގައި އާންމުކުރި ބޯހިޔާވަހިކަމުގެ މެނިފެސްޓޯގައިވާގޮތުން، އެ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން، އެކަމަށް އެދޭ މީހުންނަށް ގެދޮރު އަޅައިދީ، އެއްކޮށް ނިންމުމަށް ފަހު، ދިނުމަށް މަގުފަހި ކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ދޫކުރާ ގޯއްޗަކީ ހުސް ބިމެއްގެ ގޮތުގައި، ނުވަތަ ފަޅެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ގޯތި ލިބުނު މީހުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ބިންތަކުގައި ގޯތި އަޅައިދޭނީ ސަރުކާރުގެ ހާއްސަ ފަންޑެއްގެ ތެރެއިން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގޯތިދިން ނަމަވެސް، ރާއްޖޭގެ ބޭންކިން ނިޒާމު އޮތް ގޮތުން، ކޮންމެ މީހަކަށް ގެ އެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެން ކަން އޮތުމުން، ޕްރައިވެޓް ޑިވެލޮޕަރުންނަށް ދިގު މުއްދަތަށް ކުއްޔަށް ދީގެން ގެދޮރު ތަރައްގީކުރަން ޖެހުމަކީ، ބޯހިޔާވަހިކަމުގެ ހައްލު ހޯދުމަށް ހުރަސް އެޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިސަރުކާރުން ގޯތި ދިން އެއްވެސް މީހަކު އަތުން ގޯތި އަތުލުމަކީ ގެންގުޅުއްވާނެ ސިޔާސަތެއް ނޫން ކަމަށެވެ.


