Tuesday, 28 July 2026
"އެންރިޗިން ސްކޫލް ލައިބްރަރީސް" ޕްރޮޖެކްޓްގެ ދަށުންން އަވަށްޓެރި އިންޑިޔާއިން ރާއްޖެއަށް ފޮތް ހަދިޔާކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ އެޑިއުކޭޝަން މިނިސްޓްރީ

އިންޑިޔާއިން ރާއްޖެއަށް 7115 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފި

"އެންރިޗިން ސްކޫލް ލައިބްރަރީސް" ޕްރޮޖެކްޓްގެ ދަށުންން އަވަށްޓެރި އިންޑިޔާއިން ރާއްޖެއަށް 7115 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފި އެވެ.

ފޮތް ހަދިޔާކުރުމަށް ޖަމާލުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިޔާގެ ސަފީރު މުނު މަހާވަރުވަނީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއަށް ފޮތްތައް ހަދިޔާކޮށްފަ އެވެ. މިއީ އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރު މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ 215 ސްކޫލަކަށް މި ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރަން ހަމަޖެހިފައިވާ 10،000 އަށްވުރެ ގިނަ ފޮތުގެ ފުރަތަމަ ބެޗެވެ.

މި ރަސްމިއްޔާތުގައި އިންޑިޔާގެ ސަފީރުވަނީ ސަރުކާރުން، ފަށާފައިވާ މި ހެޔޮ މަޝްރޫޢާ ގުޅިވަޑައިގަތުމަކީ އިންޑިޔާ ފަޙްރުވެރިވާ ކަމެއްކަމަށް ވިދާޅުވެފަ އެވެ. އަދި ކުޑަކުދިންގެ މެދުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަކީ ހަމައެކަނި ޢިލްމު އިތުރުވުމުގެ އިތުރުން އެ ކުދިންގެ ވިސްނުންފުޅާވެގެން ދާނެކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ސަފީރުވަނީ މަތީ ތައުލީމު ހާސިލްކުރުމަށް އިތުރު ދަރިވަރުން އިންޑިޔާއަށް އައުމަށާއި، އެ ޤައުމުގައި ކުރިއަރަމުން އަންނަ ޔޫތް އޮރިއެންޓެޑް ސްޓާޓާ އަޕް އެންޑް އިނޮވޭޝަން އިކޯ ސިސްޓަމްގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ.

އަދި މިނިސްޓަރ އައިޝަތު އަލީ ވަނީ ތައުލީމީ ދާއިރާއިން އިންޑިޔާއިން ވެދެއްވާ އެހީ ފާހަގަކުރައްވާ ޝުކުރު ދަންނަވާފަ އެވެ.

އިންޑިޔާ މޯލްޑިވްސް އެޑިއުކޭޝަން ކޫޕަރޭޝަންގެ ދަށުން އެ ޤައުމުން މީގެކުރިންވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވެއެވެ. އޭގެތެރޭގައި ރަށްރަށުގެ ސްކޫލްތަކުގައި އިތުރު ކްލާސްރޫމްތައް އަޅައިދިނުމާއި، ބ. އަތޮޅު ސްޓޫޑެންޓް ފެރީ ފަދަ ޕްރޮޖެކްޓްތައް ފާހަގަކޮށްލެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *