ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު މިއަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.
ރައީސް ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި ކަމަށް ހާމަކުރައްވާފަ އެވެ.
ޕީޕީއެމްގެ ސެޕްޝަލް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. ވަހީދު އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ނިންމެވިކަން އިއުލާން ކުރައްވައި، ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މީގެ 10 އަހަރު ކުރިން، ޕީޕީއެމާ ގުޅިވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމުގެ ނިޔަތުގައި ކަމަށެވެ.
އެފަދަ ގިނަ މަސައްކަތްތަކެއް ހާސިލްކުރެވިފައިވާ ކަމަށާއި ނަމަވެސް އަދިވެސް ބައެއް ކަންކަން ނުނިމި ހުރިކަން ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށްޓަކައި އަމާން، އިހުލާސްތެރި އަދި ތެދުވެރި މާހައުލެއް އޮންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އިލްމާއި ހުނަރާއި ތަޖުރިބާގެ ބޭނުން ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ހިފޭނެ އަމާން، އިހުލާސްތެރި އަދި ތެދުވެރި މާހައުލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަން،" އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައި ވަހީދު ވިދާޅުވި އެވެ.
ވަހީދު ޕީޕީއެމުން ވަކިވެ ވަޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ ރިޔާސީ ޓިކެޓާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުންނަވާފައި ވަނިކޮށެވެ. އޭނާ ވެސް އެ ޓިކެޓަށް ޝައުގުވެރިވި ކަމުގެ އަޑުތައް ފެތުރުނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަހީދުގެ ކުށުގެ ރެކޯޑް ސާފު ކުރެއްވުމަށް ވެސް އެ މަނިކުފާނު ހުށަހެޅުއްވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތު ކުރިމަތިވުމާ އެކު، ޕީއެންސީގެ ސެނެޓްގެ ތާއީދާ އެކު ޓިކެޓް ހޯއްދެވީ މުއިއްޒެވެ.


