ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަން ނިންމައިފިއެވެ.
މިއަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީއިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ، ކެންޑިޑެސީއަށް ފޯމް ހުށަހެޅުމުގެ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ރަނިންމޭޓަކު ޚިޔާރުކުރައްވާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00އަށް ހަމަވާނެއެވެ.
މުއިއްޒު ވިދާޅުވީ، އުއްމީދަކީ އޭގެ ކުރިން ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ފަހިވެ، "ބެކްއަޕް" އެޕްލިކޭޝަނެއް ލާން ނުޖެހުން ކަމަށެވެ.
ޕީއެންސީގެ ޓިކެޓްގައި ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ޓިކެޓަށް ވާދަކުރެއްވީ މުއިއްޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. ކެންޑިޑޭޓު ހޮވުމަށް ސެނެޓުގައި ނެގި ވޯޓުގައި މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު، އާދަމް ޝަރީފަށް ލިިބިވަޑައިގަތީ 23 ވޯޓެވެ.
މުއިއްޒަށް ޓިކެޓު ދޭން ނިންމައިފައި ވީ ނަމަވެސް، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި، މުއިއްޒު ވާދަ ކުރައްވާނީ "ވޯސްޓް ކޭސް" ގައި ކަމަށް ޔާމީންގެ ގާނޫނީ ވަކީލް އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވަނީ ވިދާޅުވެފައެެވެ.


