އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު ހަވީރު މާލޭގައި ބާއްވަން ހަމަޖެއްސި ހިނގާލުން މޫސުން ތަން ނުދޭތީ އެހެން ދުވަހަށް ފަސްކޮށްފި އެވެ.
"ދިވެހީންގެ ސުލްހަވެރި ހިނގާލުން" ގެ ނަމުގައި .އާޓިފިޝަލް ބީޗު ކުރިމަތިން ފަށަން އޮތް ހިނގާލުން ފަސްކުރީ މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި މާލެ އަށް ވާރޭ ވެހެމުން ދާތީ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހަރަކާތް ދެން ބާއްވާނެ ދުވަހެއް އެ ޕާޓީއަކުން ނުބުނެ އެވެ.
އެކަމަކު އަންނަ މަހުގެ 7 ވަނަ ދުވަހަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާއިރު، ހައި ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްތިއުނާފުގެ މައްސަލަ ނިމޭނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.
އިދިކޮޅު ލީޑަޝިޕުން އަންނަނީ ޔާމީން މިނިވަން ކުރުމުގެ ނަމުގައި ގިނަ ހަރަކާތްތަކެއް ރާވައި ހިންގަމުންނެވެ. ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައި ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އިއްޔެ ހަވީރު އެއްވުމުން ހައްޔަރުކުރި އެވެ.
އެ ބޭފުޅުން ދޫކޮށްލީ ގްރީން ޒޯނަށް އެއްވި މައްސަލައިގެ ބަޔާން ނެގުމަށް އަންނަ ހަފުތާގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ޗިޓު ހަވާލުކުރުމަށް ފަހުގަ އެވެ.


