ސަރުކާރުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވާވު އަދި މީމު އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، ރާއްޖޭގެ އާބާދީގެ އެންމެ ކުދި ރަށްތަކުގެ ތެރޭގައި ހިމެނޭ، ވ. ތިނަދޫއަށް ވަޑައިގެން، އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ ރަށުގެ އާބާދީ ކިތައްމެ ކުޑަވިޔަސް ބާކީ ކަމުގެ އިހުސާސެއް މިހާރު ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވާވު އަދި މީމުއަތޮޅަކީ ވެސް މީގެ ކުރިން ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮތް ދެ އަތޮޅު ކަމަށެވެ.
މިވީހާ ތަނަށް ވެސް ހުރީ ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދެވި ކަމަށާއި އެކަމުގެ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި އުފަން ރަށް ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރުމެވެ.
"ތިނަދޫއަކީ އޭގެ ރަށެއް. މި ސަރުކާރުން ހޭދަކުރާ ފަސް އަހަރުގެ ތެރޭގައި ބަދަލުތަކެއް ގެނެވިއްޖެ. ވައުދުތަކާ އެއްގޮތަށް ކަންކަން ކުރެވިއްޖެކަން ރައްޔިތުން ގަބޫލުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމްގައި މިހާރު ފިޔަ ޖަހަމުން އަންނަ ތިނަދޫގައި 221 މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ. ނަމަވެސް ރަށުގައި ދިރިއުޅެނީ އޭގެ ތެރެއިން 75 މީހުންނެވެ.


