އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން ބަލައިގަންނާނީ އަންނަ ޖުމައި މަހުގެ 23 އިން އޮގަސްޓް މަހުގެ 7 އާ ދެމެދު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 9ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ޖުލައި23 އިން އޮގަސްޓް 7އަށް އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިން ބަލައިގަންނާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުގައި ކެންޑިޑޭޓުންގެ އެޕްލިކޭޝަން ބަލައިގަތުުގެ މުއްދަތަށް ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރާ ތާރީހަށް ވެސް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ މުހިންމު ތާރީހުތައް ކަނޑައަޅާފައި ވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ގުރުއަތުލުން އޮންނާނީ ކެމްޕެއިން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަ ދުވަހު ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
އިންތިހާބަށް ވާދަކުރުމުގެ ފޯމު ހުށަހަޅަން ކުރިން ދެނީ 10 ދުވަހެވެ. އެކަމަކު ހަތަރު ދުވަސް އިތުރުކޮށް އެ މުއްދަތު 14 ދުވަހަށް ވަނީ ބަދަލުކޮށްފަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިިބިފައިވާ ލިސްޓު އީސީން އާންމު ކޮށްފައިވާ އިރު، އެ ލިސްޓުގައި އުމުރުން 18 އަހަރުން މަތީގެ 282،672 މީހުން އެބަ ތިއްބެވެ.


