Tuesday, 28 July 2026

ސިފައިންގެ މުސާރަބޮޑުކޮށް އިތުރު ފްލެޓްތައް އަޅައިދެނީ!

ދިވެހި ސިފައިންގެ މުސާރަތައް ބޮޑުކޮށް، ސިފައިންނަށް ހާއްސަކޮށްގެން އިތުރު ފްލެޓްތައް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ހައުސިން ޔުނިޓްތަކުގެ އިމާރާތުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައި ވެސް ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މި އަހަރު ބިޑްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރައީސް ސޯލިހް ވަނީ ދިވެހި ސިފައިންގެ މުސާރަތައް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު މީގެކުރިންވެސް ވިދާޅުވި ވާހަކަފުޅު ތަކުރާރުކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަތައް ބޮޑުކުރުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށެވެ. އެހެންވެ މުސާރަ ބޮޑުކުރާނެ ވަކި ދުވަހެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.

"ސިފައިންގެ ވެލްފެއާ ކަންތައްތައް ހަރުދަނާ ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ. މިވަގުތުވެސް އެންމެ ބޮޑު އިސްކަމެއް މިދެވެނީ ސިފައިންގެ ބޯހިޔާވަހިކަމަށް. ސިފްކޯއިން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ފްލެޓުތައް ވެސް ނުނިމި ހުއްޓިފައި ހުންނަތާ މި ވަނީ ދިގުލައިގެން ގޮސްފަ. އެ އިމާރާތުގެ މަސައްކަތްވެސް މިހާރު މި އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ސިފްކޯ ހިޔާގެ ނަމުގައި ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ފްލެޓްތަކުގައި އަންނަ މަހުގެ ތެރޭގައި ދިރިއުޅެން ފެށޭވަރު ވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *