އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް 2 އިން ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ގާއިމުކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
އެ މަސައްކަތަކީ ހުޅުމާލޭގެ ފޭސް2ގައި ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ ފޭސް 2ގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯ އިން ބުނީ ހޮނިހިރު ދުވަހު ހިޔާ ޓަވަރު އެކަކުން އަށަކަށް ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. އަދި ޓަވަރު ނުވައަކުން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.


