Tuesday, 28 July 2026
ޒަކާތު ހައުސްގެ މި ސްކޮލަރޝިޕްތައް ޚާއްޞަކޮށްފައިވަނީ އިސްލާމީ އެކި ދާއިރާތަކަށް -- ފޮޓޯ: ޒަކާތު ހައުސް

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026 ވަނަ އަހަރުގެ މަތީ ތައުލީމުގެ ސްކޮލަޝިޕް އަދި ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު އެ އިދާރާއިން އިތުރުކޮށްފިއެވެ. މިއީ ސްކޮލަޝިޕަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، ކުރިން 16 ޖުލައި 2026 ގެ ނިޔަލަށް އޮތް ސުންގަޑި މިހާރު ވަނީ 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 14:00 އާ ހަމައަށް އިތުރުކޮށްފައެވެ. މި ސްކޮލަޝިޕް ޕްރޮގްރާމަކީ 17 މެއި 2026 ގައި ހުޅުވާލެވުނު ފުރުސަތެކެވެ.

މި ސްކީމްގެ ދަށުން މާސްޓާސް (ލެވެލް 9) އަދި ޑޮކްޓަރަލް (ލެވެލް  10) އަށް ކިޔެވުމަށް ޖުމްލަ 40 ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތު، ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުސަތު، ސައުދީ އަރަބިއްޔާ އާއި މިސްރުގައި ކިޔަވާ ދަރިވަރުންނަށް 5 ސްޓައިޕެންޑް ސްކޮލަޝިޕް، އަދި އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5 ފުރުސަތު ހިމެނެއެވެ.

މީގެ އިތުރުން، އިއުލާނުގައި ބަޔާންކޮށްފައިވާ އިސްލާމީ ދާއިރާތަކުގެ ބޭރުންވެސް، ދިވެހި އިސްލާމީ މުޖުތަމައުގެ ކުރިއެރުމަށް އެހީތެރިވެދޭނެ ދާއިރާތަކުން ކިޔެވުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިފަދަ ޕްރޮޕޯސަލްތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޓެމްޕްލޭޓެއް ޒަކާތު ހައުސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގްސަދަކީ ޝަރުތު ހަމަވާ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމެވެ. ސްކޮލަޝިޕަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ފޮނުވަން ޖެހެނީ scholarship@zakathouse.gov.mv އީމެއިލް އެޑްރެހަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *