Tuesday, 28 July 2026
ޕީއެންސީ އިން ބޭއްވި އެތެރޭގެ އިންތިހާބެއްގެ ވޯޓު ގުނުމުގެ ތެރެއިން ހުޅުމާލެ ފޭސް 2 ގެ ސްކޫލެއްގައި ހިންގި މާރާމާރީ --

ޕީއެންސީގެ އިންތިހާބުގެ ތެރެއިން ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި އެތެރޭގެ އިންތިހާބެއްގެ ވޯޓު ގުނުމުގެ ތެރެއިން ހުޅުމާލެ ފޭސް 2 ގެ ސްކޫލެއްގައި ހިންގި މާރާމާރީއާއި މުދަލަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 11 ވާ ހޮނިހިރު ދުވަހުގެ ރޭ 21:15 އެހައިކަންހާއިރުއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މި ހާދިސާ ހިނގި ވަގުތު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޔަކު މީހުން ސްކޫލަށް ވަދެ އެތަނުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި އަމަން ބަލަހައްޓަން ތިބި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ސިޔާސީ ޕާޓީއެއްގެ އިންތިހާބެއްގެ ތެރެއިން ހިންގި މި އަމަލުތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. ދައުލަތުގެ މުދަލަށް ގެއްލުންދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަވެސް މި ތަހުގީގުގެ ތެރޭގައި ހިމެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ބަޔަކު ގަދަކަމުން އެތަނަށް ވަދެގަނެގެންނެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގު ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *