Tuesday, 28 July 2026

80,000 ރުފިޔާގެ އަގުހުރި ކަރަންޓު ސާމާނު ވަގަށް ނެގި ކަމަށް ބުނާ ދެ މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގައި ހުރި އޮޑިހަރުގެއަކާއި ގުދަނަކުން ވަގަށް ނަގާފައިވާ، 80,000 ރުފިޔާގެ އަގުހުރި ކަރަންޓު ސާމާނު ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ހަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުހައްމަދު ނަބީލް އަހުމަދު (27އ) އެވެ.

އެ ގޮތުން ހަސީބު އާދަމް 5 ދުވަހަށް އަދި މުހައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. ވައްކަން ކޮށްފައިވަނީ ބުދަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނެއެވެ.

މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވޭއިރު މި ތަކެތި ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *