Tuesday, 28 July 2026
ފިތުރު ޒަކާތް ނެގުން | ފޮޓޯ: ރާއްޖެ އެމްވީ

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 79 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 79 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މީރާގެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 79,600,886 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 61,578,805 ރުފިޔާއެވެ. ނިމިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 107 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނުއިރު މިވަނީ އެ އަދަދާ ގާތްކުރާ މިންވަރަކަށް އާމްދަނީ ލިބިފައެވެ.

ރާއްޖޭގައި މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަކީ 19,527.90 ރުފިޔާ އެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށްގެންނެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ފާހަގަކުރާ ގޮތުގައި، ރިހީގެ އަގަށް ބަލައިގެން ނިސާބު ކަނޑައެޅުމަކީ ރާއްޖެ ފަދަ ގައުމުތަކުގެ ފަގީރުންނަށް އެންމެ ފައިދާބޮޑު ގޮތް ކަމަށް ދީނީ އިލްމުވެރިން ލަފާދެއްވައެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟެކެވެ. ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ މުދަލުގެ 2.5 އިންސައްތައެވެ. ރާއްޖޭގައި އަހަރުން އަހަރަށް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާކަން ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *