ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައިފިއެވެ. މިއަދު ހެނދުނު 09:00 އިން ފެށިގެން ކުރިއަށްދާ މި ވޯޓުލުން މިއަދު ހަވީރު 04:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ބާއްވާ މި އިންތިހާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 131 ރަށެއްގައި ވޯޓުލުން ކުރިއަށްދެއެވެ. އެކި މަގާމުތަކަށް ޖުމްލަ 2500 އެއްހާ ކެންޑިޑޭޓުން ވާދަކުރާއިރު، ޕީއެންސީން ވަނީ ވީހާވެސް ގިނަ މެންބަރުން ނުކުމެ ވޯޓުލުމަށް އެދިފައެވެ. އެ ޕާޓީން ބުނި ގޮތުގައި މިއީ ޕާޓީގެ ކުރިމަގަށް ނުހަނު މުހިންމު އިންތިހާބެކެވެ.
ޕީއެންސީގެ ހިންގާ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާއެއްގެ ރައީސުންނެވެ. އެހެންކަމުން، މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވުން ކުރިއަށްދާނީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައެވެ. ނަމަވެސް، ދިއްގަރު ދާއިރާގެ ރައީސް އަޙްމަދު ނާޒިމް އެ މަގާމުން ވަކިކޮށްފައިވާތީ، އެ ދާއިރާގެ ރައީސަކު ހޮވުމުގެ ވޯޓުލުންވެސް މިއަދު ކުރިއަށްދާނެއެވެ.
މިއަދު ބާއްވާ މި އިންތިހާބަށްފަހު، ޕާޓީގެ ހިންގުން އިތުރަށް ބައްޓަންކުރުމަށްޓަކައި އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ޕީއެންސީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.


