Monday, 26 October 2026

ވޭތުވެދިޔަ 6 މަސް ދުވަހު މާލޭގެ މަގުތަކުން 4375 ޓަނުގެ ކުނި އުކާލައިފި

ވޭތުވެދިޔަ ހަ މަސް ދުވަހު މާލޭގެ މަގުތަކުން 4375 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ މަގުތަކުން 4375 ޓަނުގެ ކުނި އުކައިލައިފައިވާ ކަން ހާމަކުރީ، މާލެ ސިޓީ ހޯލުގައި މިހާރު ކުރިއަށްދާ، ކައުންސިލްގެ މި އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ދެއްކި ވީޑިއޯ ރިޕޯޓްގައެވެ.

އެކަށީގެންވާ ރައްކާތެރިކަމާއެކު ކުނި ނައްތައިލުމާއި، ދުވަހުން ދުވަހަށް އުފެދޭ ކުނި ގިނަވިޔަ ނުދީ ނައްތައިލުމަކީ މާލެ ސިޓީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މި ގޮތުން މާލެ ސިޓީގެ މަގުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރެއެވެ.

ކައުންސިލުން ފާހަގަކުރާ ގޮތުގައި، ކުނީގެ މައްސަލައަކީ ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލައެވެ. އެއީ ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީއެވެ. މާލެ ސިޓީއަކީ ސާފު، ރީތި އަދި ހިތްގައިމު ތަނަކަށް ހެދުމަށް ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މަގުތަކާއި، ޕާކުތަކާއި، މައިޒާންތަކުގެ އިތުރުން ފަޅުތެރެއަށް ވެސް ކުނި ނޭޅުމަށް ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ މުޅި ސިޓީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އޮތް އެންމެ މުހިންމު ޙައްލު ކަމަށް އެ ކައުންސިލުން ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *