ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
ސަރުކާރުން ބުނި ގޮތުގައި އެ ތަކެތި ހަދިޔާ ކުރުމަށް މިއަދު ޔޫތު ހަބްގައި ބޭއްވި މި ރަސްމިއްޔާތަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެއްބާރުލުން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައިވާ ކަމަށް ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ސައިޓްގައި ލިޔެފައިވެ އެވެ.
މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ "ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް" ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ޗައިނާއާއެކު ބާއްވަމުންދާ ގާތް ގުޅުމުގެ ދަށުން ލިބުނު މި އެހީއަކީ ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ސަރުކާރުން ބުންޏެވެ.
މި ސާމާނުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޗައިނާ ސަރުކާރުން ކުޅިވަރުކުޅޭ އެކި ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވެ އެވެ.


