ހިސާބު އިލްމު ކުރިއަރުވައި ހަރުދަނާ ކުރުމަކީ ހަމައެކަނި ތައުލީމީ ލަނޑުދަނޑިއެއް ނޫން ކަމަށާއި އެއީ ގައުމުގެ މުސްތަގުބަލާއި ވިލުންތެރިކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ހިސާބު ޢިލްމު އުނގަންނައިދިނުމުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ބޭނުންކުރުމާ ބެހޭގޮތުން ލިޔެފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް – އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ފޮތް އިފްތިތާޙްކޮށްދެއްވަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ، ހިސާބަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަން މި ފޮތުން ސާބިތުކޮށްދޭ ކަމަށެވެ.
ހިސާބު އިލްމުގެ ހަމަތަކާއި ވިސްނުމަކީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރޭގައި ޒަމާނުއްސުރެ ލާމެހިފައިވާ ކަމެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެ ގޮތުން މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ދަތުރުފަތުރުކުރުމުގެ ނިޔަމިކަމާއި، ވިޔުމުގެ މަސައްކަތްތަކާއި، ދަނޑުވެރިކަމުގެ އިތުރުން އިމާރާތްކުރުން ފަދަ ސަގާފީ މަސައްކަތްތަކުގައި ހިސާބު އިލްމުގެ ތަސައްވުރުތަކާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް އެކުލެވިގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިންގެ ސަގާފަތާއި އަމަލީ ތަޖުރިބާތަކާ ގުޅުވައިގެން ހިސާބު އިލްމު އުނގަންނައިދިނުމުން، ދަރިވަރުންނަށް އެއީ މާނަވީ، ޝައުގުވެރި އަދި ދިރިއުޅުމާ ގުޅުންހުރި ފިލާވަޅުތަކަކަށް ވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަދި ތައުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމަކީ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ކިޔެވުމަށް ދޭ ޝައުގުވެރިކަން އިތުރުވެ، ހިސާބު އިލްމަށް ދޭ ލޯބި ފުންވެގެންދާނެ ކަމެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ މެދުގައި ހިސާބު އިލްމަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ވިދާޅުވީ، އީޖާދީ ކުރިއެރުންތަކަށާއި، ފަންނިއްޔާތު ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް ޓަކައި ވެސް ހިސާބު ޢިލްމުގެ ހުނަރުތައް ކޮންމެހެން ބޭނުންތެރި ކަމަށެވެ.
އެ ފޮތުގެ ސަބަބުން ތައުލީމީ ދާއިރާގެ ބޭފުޅުންނަށާއި، ދަރިވަރުންނަށް އަދި ދިރާސާކުރައްވާ ފަރާތްތަކަށް ދިވެހި މުޖުތަމައުތަކުގައި އެކުލެވޭ މުއްސަނދި އިލްމުތައް އިތުރަށް ހޯދައި ދިރާސާކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.


