މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު ފުލުހުންނަށް ލިބި، އޭގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:26 އެހާކަންހާއިރުއެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ހުރިހާ މީހުން ވަނީ ލޯންޗަކަށް ނަގައި ސަލާމަތްކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި، ބޯޓުން ދަތުރުކުރި އެންމެން މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ވ. ފުލިދޫއަށް ގެންގޮސްފައެވެ.
މި ބޯޓުން ދަތުރުކުރީ ޖުމްލަ 7 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި 4 ބިދޭސީ ފިރިހެނުންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި އެންމެންގެ ހާލުވެސް ރަނގަޅެވެ.
ބޯޓު އަޑިއަށްދާން މެދުވެރިވި ސަބަބުން ދެނެގަތުމަށާއި، ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ބޯޓު އަޑިއަށްދިޔަ ސަރަހައްދުން ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު، ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.


