Tuesday, 28 July 2026
ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، އަލްމަރްހޫމް ޑރ. އާމިނަތު ފަޒްނާ

ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ފަޒްނާ ނިޔާވެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން ގެންދެވި ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. އާމިނަތު ފަޒްނާ މިއަދު ނިޔާވެއްޖެ އެވެ.

އުމުރުން 47 އަހަރުގެ ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގަ އެވެ. ޑރ. ފަޒްނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ގދ. ގައްދޫއަށް އުފަން ޑރ. ފަޒްނާ އަކީ ރާއްޖޭގައި އޯޓިޒަމް ފަދަ ބަލިތައް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑިވޮލޮޕްމަންޓަލް ޕީޑިއެޓްރީޝަން އެވެ. އެމްބީބީއެސް ނިންމެވުމަށްފަހު 2018 ވަނަ އަހަރު އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި ޑރ. ފަޒްނާ ވަނީ މެލޭޝިއާގެ ކެބަންސާން ޔުނިވާސިޓީ އާއި އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީން މަތީ ތައުލީމާއި ތަމްރީނު ހޯއްދަވާފަ އެވެ.

ތައުލީމީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައި، ޑރ. ފަޒްނާ އަލުން ބަލިމީހުން ބައްލަވަން ފެއްޓެވީ މިއަހަރުގެ ކުރީކޮޅު އެވެ. އޭނާގެ ވަކިވެދިއުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް، ހާއްސަކޮށް ކުޑަކުދިންގެ ތަރައްގީއާ ގުޅުންހުރި ބަލިތަކަށް ފަރުވާދޭ ދާއިރާއަށް ލިބުނު ބޮޑު އުނިކަމެކެވެ.

ޑރ. ފަޒްނާ ނިޔާވިއިރު ދެ އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *