Tuesday, 28 July 2026
2018 ވަނަ އަހަރު ޑީއާރުސީގައި އެބޯލާ ފެތުރެން ފެށިއިރުގެ ފޮޓޯއެއް -- ފޮޓޯ: އޭޕީ

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި މަރުވި މީހުންގެ އަދަދު 600 އަށް އަރައިފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އެބޯލާ ބަލީގައި މަރުވި މީހުންގެ އަދަދު 600 އަށް އަރައި، ބަލި ޖެހިފައިވާ މީހުންގެ އަދަދު 1,759 އަށް އިތުރުވެފައިވާކަމަށް އެ ގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބުދަ ދުވަހު އާންމުކުރި މި ހިސާބުތަކަކީ އަންގާރަ ދުވަހާ ހަމައަށް ކަށަވަރު ކުރެވިފައިވާ މައުލޫމާތުތަކެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ބަލި ޖެހިފައިވާ 51 އާ ކޭސް ފެނިފައިވާއިރު، 20 މީހަކު ވަނީ މަރުވެފައެވެ.

ސަރުކާރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޓްޝޯޕޯ ޕްރޮވިންސްގެ ވެރިރަށް ކިސަންގަނީން ފެނިފައިވާ ދެ ކޭސްއެއްގެ ޓެސްޓު ނަތީޖާ ކަށަވަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ދެ ކޭސްގެ ތެރެއިން އެއް ކޭސްއަކީ ބަލި އެންމެ ފުރަތަމަ ފެނުނު އިޓޫރީ ޕްރޮވިންސްގެ ނިއާ-ނިއާ އަވަށާ ގުޅުންހުރި ކޭސްއެކެވެ. ނަމަވެސް ދެވަނަ ކޭސްއަކީ އެއްވެސް ޖިއޮގްރަފިކް ގުޅުމެއް އޮތް ކޭސްއެއް ނޫން ކަމަށް ސަރުކާރުން ބުނެއެވެ.

ބަލީގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި، ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އިޓޫރީ ޕްރޮވިންސްގެ ސިއްހީ ހިދުމަތްތެރިން ވަނީ މުސާރަ ނުލިބޭތީ މަސައްކަތް ހުއްޓާލާފައެވެ. މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އެބޯލާ ފެތުރެން ފެށި ފަހުން މުސާރައާއި ބޯނަސް ލިބިފައިނުވާ ކަމަށް ބުނެ، 24 ގަޑިއިރު ތެރޭގައި މުސާރަ ނުދީފިނަމަ ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު އެ ފަރާތްތަކުން ވަނީ ދީފައެވެ.

އިޓޫރީގެ ވެރިރަށް ބޫނިއާގެ އެޕިޑެމިއޮލޮޖިކަލް ސަވައިލަންސް ކޮމިޓީގެ މެންބަރެއް ކަމަށްވާ ޑރ. ބިއެންސީ ކާނޯ ވިދާޅުވި ގޮތުގައި، ބަލި ފެތުރެން ފެށީއްސުރެ އެމީހުން ދަނީ މަސައްކަތުގެ އުޖޫރައަށް އެދެމުންނެވެ. މީގެ އިތުރުން މަސައްކަތް ކުރަން ބޭނުންވާ ސާމާނު މަދުވުމާއި، ކަމާބެހޭ ފަރާތްތަކުން އެމީހުންނާ މެދު ބަހައްޓާ އިހާނެތި އަމަލުތަކާ މެދުވެސް ސިއްހީ މަސައްކަތްތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހަޅުތާލު ފަށާފައިވަނީ މި ބަލިމަޑުކަމަށް ޒިންމާވާ ބަންޑިބުގްޔޯ ވައިރަހަށް ފަރުވާ ހޯދުމަށް ކުރެވޭ ކްލިނިކަލް ޓްރަޔަލްތަކަށް މީހުން ރަޖިސްޓްރީ ކުރަން ފެށި ދަނޑިވަޅެއްގައެވެ. ބަންޑިބުގްޔޯ ވައިރަހަކީ އެހެން ބައެއް ވައިރަސްތަކާ އަޅާބަލާއިރު މަރުވާ ރޭޓު ދަށް ވައިރަހެއް ނަމަވެސް، މިއަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް ފާސްކުރެވިފައެއް ނުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މެއި މަހު މިއީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައެޅިއިރު، މި ވައިރަސް ވަނީ މޮންގްބްވާލޫ، ރަމްޕާރާ އަދި ބޫނިއާ ފަދަ މައިނިންގް ޓައުންތަކުގައި އެތައް ހަފުތާއެއް ވަންދެން ނޭނގި ފެތުރިފައެވެ. މިހާރު މި ބަލި ވަނީ އަވަށްޓެރި ޕްރޮވިންސްތަކަށްވެސް ފެތުރެން ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *