Tuesday, 28 July 2026

އާޔަތުﷲ ގެ ޖަނާޒާގައި ބައިވެރިނުވެވުނީ ޕްރޮޓޮކޯލް އަށް ގެނައި ބަދަލަކުން

އީރާނުގެ ސުޕްރީމް ލީޑަރު، ޝަހީދު އާޔަތުﷲ އަލީ ޚާމަނާއީ ގެ ޖަނާޒާގައި ބައިވެރިނުވެވުނީ ކުއްލިއަކަށް ޕްރޮޓޮކޯލް އަށް ބަދަލު ގެނައުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އާޔަތުﷲ ގެ ޖަނާޒާގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ލިބުނީ މި މަހުގެ ތިންވަނަ ދުވަހުގައި ކަމަށެވެ. އެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން  ބައިވެރިވުމަށް ކަނޑައެޅީ ސަޢުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު ސަރީރު ކަމަށާއި އެކަން އީރާނު ސަރުކާރަށް ރަސްމީކޮށް އެންގި ކަމަށެވެ.

އެހެން ނަމަވެސް ސަފީރު ޖަނާޒާގައި ބައިވެރިވުމަށް ފުރާ ވަގުތު ކައިރިވެފައި ވަނިކޮށް ބޭރުޤައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު މިހާރު ހަމަޖެހިފައިވާގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް އީރާނުގެ އެމްބަސީ އިން އެންގި ކަމަށެވެ. އެއާއެކު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނު ކަމަށް ވެސް ބުނެފައިވެއެވެ

އެހެން ނަމަވެސް ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާކަމަށާއި، ސްޓޭޓް މިނިސްޓަރ ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމުގައިވާތީއާއި، ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް މި ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އެ ސަރުކާރުން ޝުކުރުއަދާ ކުރައްވާކަން އެ ގައުމުން އެންގިކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި އެ ދަތުރު މި ވަގުތު ކުރުމުގެ ބަދަލުގައި ފަހުގެ ތާޜީޚެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް ލަފާދިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އީރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ  ތައުޒިޔާގެ މެސެޖެއް އިރާން ގެ ޚާރިޖީ ވަޒީރަށް ފޮނުވާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *