Tuesday, 28 July 2026
ވަޒީރު ސައީދު އިންޑިއާގެ ވަޒީރު ޕިޔޫޝް ގޯޔަލްއާ ބައްދަލުކުރެއްވުން -- ފޮޓޯ: އެކްސް

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މުހިއްމު މަޝްވަރާތަކެއް ކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އާއި އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ ޕިއުޝް ގޯޔަލް މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ވަޒީރު މުޙައްމަދު ސަޢީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، ދެ ވަޒީރުން ވަނީ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ އާއި، ހުށަހެޅިފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް ގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ މިނިސްޓަރ ޕިއުޝް ގޯޔަލް ވިދާޅުވީ، އިންޑިއާއާއި ރާއްޖެއިން މި ފަށަނީ އިޤްތިޞާދީ ބައިވެރިވުމުގެ އައު ދައުރެއް ކަމަށެވެ. އަދި ވަޒީރު މުޙައްމަދު ސަޢީދާއެކު ބޭއްވުނު މަޝްވަރާތަކަކީ ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއާއި، އަލަށް ފަށާ ވިޔަފާރިތައް ނުވަތަ ސްޓާޓްއަޕްތަކާއި، ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ މަޤްޞަދަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ބުނެފައިވަނީ، މި މަޝްވަރާތަކުގެ ސަބަބުން ފިނޓެކް އަދި ޑިޖިޓަލް ޕޭމަންޓް ފަދަ ޒަމާނީ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. މި ދަތުރުފުޅަކީ އިންޑިއާގެ މިނިސްޓަރ ޕިއުޝް ގޯޔަލްގެ ދަޢުވަތަކަށް ވަޒީރު ސަޢީދު ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *