ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖް (އެންއައިއާރްޑީ އެންޑް ޕީއާރް) އާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޕްރޮގްރާމްގެ 11 ވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިންޑިއާގެ ހައިދަރުއާބާދުގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2026 ޖޫން 21 އިން ޖުލައި 6 ގެ ނިޔަލަށެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.
މި ބުރުގައި ބައިވެރިވެފައިވަނީ ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ އިތުރުން އެލްޖީއޭގެ މުވައްޒަފުންނެވެ. މި ތަމްރީނުތަކުގެ ސަބަބުން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ހިންގުމުގައި ބައިވެރިންގެ ހުނަރާއި ޤާބިލުކަން އިތުރުވެގެންދާނެއެވެ.
އެލްޖީއޭ އާއި އެންއައިއާރްޑީ އެންޑް ޕީއާރްއާ ދެމެދު ވެފައިވާ މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ކައުންސިލަރުންނާއި މުވައްޒަފުން ވަނީ އިންޑިއާގައި ތަމްރީނު ފުރިހަމަކޮށްފައެވެ. މިފަދަ ޕްރޮގްރާމްތަކަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެލްޖީއޭއިން ފާހަގަކުރެއެވެ.


