އއ. ހިމަންދޫގައި އުތުރު ފަރާތު މޫދަށް އެރިއުޅުނު ދެ ކުޑަ ކުއްޖަކު ގެނބެމުން ދަނިކޮށް ދެ މީހަކު ވެގެން ސަލާމަތްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ އެ ސަރަހައްދުގައި އެވަގުތު ހުރި އަންހެނެއްގެ ފަރާތުން މެވެ. އަދި މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔަކަމަށާއި ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ދެ ކުއްޖަކު ގެނބެމުންދިޔަ މަންޒަރު ފެނުނު ކަމަށް ބުނެފައިވެއެވެ.
މި ހާދިސާގައި އެ ދެ ކުޑަކުދިން ސަލާމަތް ކުރީ ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް ގެ އިތުރުން އެ ރަށު އާންމު ރައްޔިތެއް ކަމަށްވާ އއ. ހިމަންދޫ / ދިލާސާގެ މުޙައްމަދު އާޙިލް އެވެ. އަދި މި ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގައި ހިމަންދޫގެ އިތުރު ދެ މީހަކުވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެ ދެ މީހުން އެ ދެ ކުދިން ސަލާމަތް ކުރުމަށް މޫދަށް ފުންމާލައި، ފަތާފައި ގޮސް އެ ކުދިން ތިބި ސަރަހައްދަށް ގޮސްފައިވެއެވެ. ރަށުގެ ބީޗް ސަރަހައްދަށް ސަލާމަތުން ގެނެސްފައިވާއިރު ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ކުދިންނަށް ކޮންމެ ވެސް ވަރަކަށް ލޮނު ބޮވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެ ދެ ކުދިންގެ ހާލު ސީރިޔަސް ނޫން ކަމަށާއި ހާލު ރަނގަޅު ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހާދިސާގައި ގެނބިފައިވަނީ މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.


