ގަވާއިދާ ހިލާފަށް ކުނި އުކާލުމުގައި އުޅުނު ދެ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުންގެ. އެއީ އެމްޑީ މޮނިރް (39އ) އަދި އެމްޑީ ހަބީބު އުލާހް (43އ) އެވެ. އަދި އެމްޑީ މޮނިރް އަކީ “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ މީހެއް ކަމަށާއި އެމްޑީ ހަބީބު އުލާހް އަކީ “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ މީހެއް ކަމަށެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އިއްޔެގެ ހެނދުނު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކު ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ދެ މީހުންނަކީ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެއް ކަމަށެވެ. އަދި އެ ދެ މީހުން އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.


