މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު އަލުން ރިވިއުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި، މިފަހަރު މައްސަލަތައް ހައްލުކުރާނީ މުދައްރިސުންގެ ސީދާ މަޝްވަރާއާ އެކުގައިކަމަށް ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިންކަމަށްވީއިރު އެބޭފުޅުންގެ މުސާރައިގެ އޮނިގަނޑާ ގުޅޭގޮތުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެންޖެހޭނެކަމަށެވެ. އަދި މިހާރު އޮތް އޮނިގަނޑާ މެދު މުދައްރިސުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާސްޓާސް ޑިގްރީ ހާސިލުކުރުމުން މުސާރަ ދަށްވާ ހާލަތްތައް އެބަހުރި ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މާސްޓާސް ސެޓްފިކެޓް ހާސިލުކުރާތާ ހަތަރު އަހަރު ފަހުން އެލަވެންސް ލިބޭގޮތަށް ކުރީގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މީގެ ކުރިން ރާއްޖޭގައި އަމަލުކުރި އުސޫލެއް ނޫން ކަމަށެވެ. އަދި މި މައްސަލަ ދިމާވީ މުސާރައިގެ އޮނިގަނޑު އެކުލަވާލިއިރު އެކަށީގެންވާ ވަރަށް ވިސްނާލެވިފައި ނުވުމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


