ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ޕޭވްމެންޓް ނުވަތަ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
މާލޭ ސަރަހައްދުގައި އުޅަނދުތައް ގިނަވެ، ޓްރެފިކު ތޮއްޖެހުމާއި އެ އުޅަނދުތައް ޕާކުކުރަން އެކަށީގެންވާ ވަރަށް ޖާގަ ނެތުމުގެ މައްސަލަ ބޮޑެވެ. އޭގެ ސަބަބުން، ގަވައިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލަ ވެސް ގިނަގިނައިން ފެންމަތިވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން އިތުރަށް ހަނދާންކޮށްދިނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށެވެ.
އެ މުއައްސަސާއިން ވަނީ، ފައިމަގުގައި ހިނގުމަށް ޚާއްސަކޮށްފައިވާ ދުވާރުމައްޗާއި އެފަދަ އެހެނިހެން ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ އަދި ޕާކުކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮދީފައެވެ.
ދުވާރުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންގެ ހައްގަކަށްވާތީ، އެ ހައްގަށް އިޙްތިރާމްކޮށް، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަކުންވެސް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.


