މާލޭގެ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ދުމުގެ އަސަރުކުރި ތުއްތު ކުއްޖަކާއި އިތުރު 20 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހާލު ދެރަވި 18 މީހަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާއިރު، ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މި ހާދިސާގައި އެޕާޓްމަންޓްގެ ބައެއް ބައިތައް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި، 30 އަންހެނުންގެ އިތުރުން ހަތަރު ކުޑަކުދިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


