ހުޅުމާލޭ މަގުމަތިން ކުރީގެ ލޯބިވެރިޔާއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށް އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ހިނގީ ޖޫން މަހުގެ 13 ވަނަ ދުވަހުގަ އެވެ. އެ ގޮތުން ހުޅުމާލޭ ފޭސް އެކެއްގެ ހަނޑުވަރީ ހިނގުމުގައި ހުރި އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ މިދިޔަ މަހުގެ 18 ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.
އޭނާ ހަމަލާ ދިނީ ލޯބިވެރިޔާއަށް ކަން އެނގުނީ ކޯޓު އަމުރުންނެވެ. އިއްޔެ ނެރުނު ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުންނަކީ ކުރިން ރައްޓެހިވެގެން ނުވަތަ ލޯބީގެ ގުޅުން އޮތް މީހުންކަން ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖެހުމަށެވެ. އިއްޔެއިން ފެށިގެން އަމުރު ތަންފީޒުކުރަމުންދާ ކަމަށް ފުލުހުން ވެސް ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


