ސްރީލަންކާގެ ތަލަންގަމާ ސަރަހައްދުގައި މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ބަޑިޖަހައި މަރާލި ހާދިސާއާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކު ރާއްޖެއިން ހައްޔަރުކޮށް ލަންކާއަށް ފޮނުވާލައިފިއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއިން ފޮނުވާލި މި މީހާއަކީ އެ ހަމަލާދިން މީހުން ދަތުރުކުރި އުޅަނދު ދުއްވަން އިން މީހާ ކަމަށް ތުހުމަތުކުރެވޭ މީހާއެވެ. މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި، މިހާރު މި މީހާ ވަނީ ލަންކާގެ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހާ 90 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.


