މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 6 މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި ހަރަކާތެކެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރާއި 34 އަހަރާ ދެމެދުގެ ހަ ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި 30 އަހަރުގެ ދެ މީހަކާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހަކު ހިމެނެއެވެ.
ޖުލައި 2 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، ތުހުމަތު ކުރެވޭ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ތިބި ދެ މީހުން ޝަރުތުތަކަކާއެކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


