އައްޑޫ ސިޓީ ހިތަދޫ ސަހަރާ މިސްކިތް ކުރިމަތީގައި އޮންނަ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި ރޭ ދަންވަރު ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 02:50 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:21 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.


