Tuesday, 28 July 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު -- ފޮޓޯ: އެކަސް

ޕާޓީ ބަދަލުކުރުމުން ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ގެއްލިއްޖެ

ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިވެފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ. މިއީ ރާއްޖޭގެ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ޕާޓީ ބަދަލުކުރުމުގެ ސަބަބުން ކައުންސިލް މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.

އެލްޖީއޭ އިން ބުނި ގޮތުގައި، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވި ޝުޖާއު، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެހެން ސިޔާސީ ޕާޓީއަކަށް (އެމްޑީޕީ) ސޮއިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި މައްސަލަ ބެލުމަށްފަހު، ޝުޖާއު މިހާރު މަގާމުން ވަކިވެފައިވާ ކަމަށާއި ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެފައިވާކަން އެލްޖީއޭ އިން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ، އޭނާގެ މެންބަރުކަމުގެ މަގާމު ގެއްލޭނެ އެވެ. މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، މިދިޔަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޝުޖާއު މަގާމުން އެކަހެރިވުމަށް ވެސް އެލްޖީއޭ އިން އޮތީ އަންގާފަ އެވެ.

ޝުޖާއު އަލީ އަކީ މި ގާނޫނީ މާއްދާގެ ދަށުން ރާއްޖޭގައި ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލަރަށް ވާއިރު، މިއީ ސިޔާސީ ޕާޓީތަކުގެ ނަމުގައި އިންތިޚާބުވާ ފަރާތްތަކުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ގާނޫނަށް ގެނައި މުހިންމު ބަދަލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *