Tuesday, 28 July 2026
އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެލާނާގެ ބޭރުގައި. ފޮޓޯ: މިހާރު

ސިވިލް ސާވަންޓުންނަށް 30 މިނެޓުގެ 'ބަފަރ ޓައިމް' އެއް ދޭން ނިންމައި ގަވައިދު އިސްލާހުކޮށްފި

ސިވިލް ސާވަންޓުންނަށް ދިމާވާ ޚާއްސަ ހާލަތްތަކާ ގުޅިގެން، ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓުގެ 'ބަފަރ ޓައިމް' އެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވައިދަށް އިއްޔެ ބަދަލު ގެނެސްފިއެވެ. މިއީ މުވައްޒަފުންނަށް ދިމާވާ ކުއްލި ދަތިތަކުގެ ސަބަބުން މަސައްކަތު ގަޑި ފެށޭ ވަގުތަށް ހާޒިރުނުވެވޭ ހާލަތްތަކުގައި، އިތުރު ހުއްދައަކާ ނުލައި މަސައްކަތުގެ ގަޑި އެޖަސްޓުކުރުމަށް ދެވޭ ލުޔެކެވެ.

އަލަށް ގެނައި މި އިސްލާހުގެ ދަށުން، 30 މިނެޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާ މުވައްޒަފުން އެކަމުގެ ސަބަބު ބަޔާންކޮށް، އެ އިދާރާއެއްގެ ހިއުމަން ރިސޯސް ސެކްޝަނަށް ނުވަތަ ކަނޑައަޅާފައިވާ ފަރާތަކަށް އެ ދުވަހުގެ މަސައްކަތު ގަޑި ނިމުމުގެ ކުރިން އަންގަން ޖެހެއެވެ. ނަމަވެސް، މި ދެވޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާނަމަ، އެ މުވައްޒަފަކު ގަޑިޖެހުނު ކަމަށް ބަލާނެ ކަމަށް ވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.

މިގޮތަށް ލިބޭ ވަގުތުގެ ބޭނުން ހިފާ މުވައްޒަފުން، އެ މުވައްޒަފަކު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެ ދުވަހުގެ މަސައްކަތް ނިންމަންޖެހޭ ގަޑި ފަސްކުރަން ޖެހޭނެއެވެ. މިސާލަކަށް، ހެނދުނު 08:00 ގައި މަސައްކަތް ފަށަންޖެހޭ މުވައްޒަފަކު 08:15 ގައި ހާޒިރުވެއްޖެނަމަ، އެ މުވައްޒަފެއްގެ މަސައްކަތު ގަޑި ނިމޭނީ މެންދުރުފަހު 14:15 ގައެވެ. މިއީ މީގެ ކުރިން ސިވިލް ސާވިސް ގަވައިދުގައި އަމަލުކުރަމުން އައި އުސޫލެއް ނޫނެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިހާރު އަމަލުކުރަމުންދާ 2014 ވަނަ އަހަރުގެ ގަވައިދަށް މިހާތަނަށް 19 އިސްލާހެއް ވަނީ ގެނެސްފައެވެ. ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ގެނެވުނު މި އިސްލާހުތަކަކީ ސިވިލް ސާވިސްގެ ނިޒާމު ހަރުދަނާކޮށް، މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ގެނެވޭ ބަދަލުތަކެއް ކަމަށް ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *