މި ސަރުކާރުން ކުރިން ބޮޑުކުރި ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ އިއްޔެ އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލުގައި، ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާ އަދި އެޑްވޮރަމް ޑިއުޓީގެ ގޮތުގައި %30 ނެގުމަށް ހިމަނާފައިވެ އެވެ. އަދި ބިޑިއަކުން ނަގާ ޑިއުޓީ ވެސް 4 ރުފިޔާގެ ގޮތުގައި ނެގުމަށް ބިލުގައިވެ އެވެ.
އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗިއުންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެ އެވެ.
މި އިސްލާހު ގެނައުމުގެ ކުރިން ޑިއުޓީ ރޭޓް ހުރީ 8 ރުފިޔާގަ އެވެ. ކުރިން 3.50 ރުފިޔާއަށް ހުރި ޑިއުޓީ ރޭޓް ބޮޑުކުރަނީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
ދޮޅު އަހަރެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ޑިއުޓީ ކުޑަކުރަން ޖެހުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ދެކެވަޑައިނުގަންނަވާ ޖަމަށް ރައީސް މުއިއްޒު ވިދާޅުވެފަައިވެ އެވެ. ވޭޕް މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލާފައި ޑިއުޓީ ބޮޑުކުރި ނަމަވެސް ސިނގިރޭޓަށްވުރެ ނުރައްކާތެރި ބާވަތް އާންމުވި ކަން ފާހަގަ ކުރެވުނު ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.


