ފަލަސްތީނަށް ކޮންމެ އަހަރަކު ބައި ލައްކަ ޑޮލަރު ދިނުމަށް ދިވެހިރާއްޖޭން ވައުދުވެއްޖެ އެވެ.
އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ޑރ. އަލީ ނަސީރު މި ކަން އިއުލާން ކުރެއްވީ އދ.ގެ މައި މަރުކަޒުގައި ބޭއްވި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރާ)އަށް އެހީވުމާ ގުޅޭ ކޮންފަރެންސްގަ އެވެ.
ނަސީރު ވިދާޅުވީ އަންރާއަށް އެހީތެރިވުން ބަލަނީ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށެވެ. ބައެއްގެ ކަރާމާތް ހިމާޔަތްކުރުމަށާއި ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ރައްކާތެރިކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭން ވަނީ 2024 ވަނަ އަހަރު ވެސް އަންރާއަށް ބައި ލައްކަ ޑޮލަރު ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން އެކި ޗެރިޓީ އިވެންޓުތަކާއި ކެމްޕޭންތަކުން އެތައް މިލިއަން ރުފިޔާއަށް މިދިޔަ ދުވަސްތަކުގައި ފަލަސްތީނަށް ހަދިޔާކޮށްފައިވެ އެވެ.


