Tuesday, 28 July 2026
ރައީސް މުއިއްޒު މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026″ ހުޅުއްވައިދެއްވައިފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026″ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލީ ވަޒީރު ޙަސަން ޒަރީރާއި، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވައްރުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގައި ބައިވެރިވާ މާލީ އިދާރާތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯއަކީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، މާލީ ދާއިރާގައި އަލަށް ތައާރަފުކުރާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ހުޅުވާލި އަގުހުރި ފުރުޞަތެކެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އެކްސްޕޯގެ ތެރެއިން ބޭންކް އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި، އިންޝުއަރެންސްގެ ޚިދުމަތްތަކުގެ އިތުރުން މުސްތަގުބަލަށް ފައިސާ ރައްކާކުރާނެ ގޮތުގެ އަމަލީ އިރުޝާދު ލިބިގެންދާނެއެވެ. މީގެ އިތުރުން، ވަކިވަކި ބޭންކުތަކަށް ދިއުމުގެ ބަދަލުގައި، ގިނަ އަދަދެއްގެ މާލީ އިދާރާތަކުގެ އުފެއްދުންތައް އަޅާކިޔާލުމުގެ ފުރުޞަތު އާންމުންނަށް ލިބޭނެއެވެ. މި އެކްސްޕޯގައި ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ބައިވެރިވެއެވެ.

މި ހަރަކާތަކީ ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ފައިސާ ދޫކުރާ ފަރާތްތަކާ ސީދާ މަޝްވަރާކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ. އެކްސްޕޯގެ ތެރެއިން އާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަ ތަފާތު ހަރަކާތްތަކެއް ކުރިއަށްދާއިރު، މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން މާހިރުން ބައިވެރިވާ ޕެނަލް ޑިސްކަޝަންތައް ޖުލައި 2 އަދި 4 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އާންމުންނަށް ހުޅުވާލާފައިވަނީ ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. އެކްސްޕޯއަށް ވަނުމުގެ ފުރުޞަތު އާންމުންނަށް ހިލޭ ހުޅުވާލާފައިވާއިރު، މިއީ މާލީ ދާއިރާގެ އެންމެ ފަހުގެ މަޢުލޫމާތާއި ފުރުޞަތުތައް ދެނެގަތުމަށް ލިބޭނެ ރަނގަޅު ފުރުޞަތެއް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *