ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެކި ވަރުގެ އަސަރުކޮށްގެން ދެ ކުޑަކުދިންނާއި ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 01:10 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 01:23 ހާއިރު ކަމަށް ސިފައިން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އަލިފާނުގެ އަސަރުކުރި ފަސް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.


