Tuesday, 28 July 2026

މޭރީ މަރާލި މައްސަލާގައި މާވިން 25 އަހަރަށް، ލަމްހާ 15 އަހަރަށް ޖަލަށް

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް 25 އަހަރަށް އަދި ހަލީމަތު ލަމްހާ އަބްދުއްރަހުމާން 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ލަމްހާ އަކީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ލޯބިވެރިޔާ ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ. އެ ތިން މީހުންނަކީ ވެސް އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރާ ނަރުހުންނެވެ.

މި މައްސަލާގައި މާވިންގެ މައްޗަށް ދައުވާކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އައިޖީއެމްްއެޗްގެ ހުއްދައާ ނުލާ ނޫނީ ނުނެގޭނެ ބޭސްތަކެއް ނެގި ކަމުގެ ތުހުމަތުގައި އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކަނޑައެޅި އަދަބަކީ:

  • އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ – 15 އަހަރު ޖަލުގައި ބަންދުކުރުން
  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ – 1 މަހާއި 15 ދުވަހު ޖަލުގައި ބަންދުކުރުން
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ – 3 މަސް ދުވަހުގެ ޖަލު އަދަބެއް

ލަމްހާ ބަންދުގައި ހޭދަ ކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަންޖެހޭނީ 11 އަހަރާއި 10 މަހާއި 15 ދުވަހެވެ.

މާވިންގެ މައްޗަށް ކަނޑައެޅީ ޖުމުލަ 25 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. މި މައްސަލާގައި މާވިން ބަންދުގައި ހޭދަ ކުރި ދުވަސްތައް އުނިކުރުމުން، ހުކުމުން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި 3 މަހާއި 26 ދުވަހެވެ.

19 އޮކްޓޯބަރު 2021ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުންގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިޔަ އެވެ.

ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ 27 އޮކްޓޯބަރުގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން، އެ އަހަރުގެ 16 ޑިސެމްބަރުގަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *